މަޢުލޫމާތު
ތ.ގާދިއްފުއްޓާއި ގުޅޭ މަޢުލޫމާތުކޮޅެއް
12 November 2025
Afrah
ތ.އަތޮޅުގެ އިދާރީ ދާއިރާގައި މީހުން ދިރިއުޅޭ 13 ރަށުގެ ތެރެއިން އެއް ރަށަކީ ގާދިއްފުއްޓެވެ. ގާތްގަނޑަކަށް 700 މީހުންގެ އާބާދީގެ މިރަށަކީ ދިވެހިރާއްޖޭގެ ގުދުރަތީރީތިކަން ފެންނާނެ ޗާލުރީތި ރަށެކެވެ. ރަށުގައި ދިރިއުޅޭ މީހުންގެ ޢަދަދަކީ ގާތްގަނޑަކަށް 200 އެއްހާ މީހުންނެވެ. ދިވެހިރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން، މިރަށުގެ ގިނަ ރައްޔިތުންވެސް ވަނީ ތަޢުލީމާއި، ވަޒީފާ ނުވަތަ އެހެނިހެން އަސާސީ ބޭނުންތަކަށްޓަކައި މާލެއަށް ހިޖުރަ ކޮށްފައެވެ. މިރަށުގެ ރައްޔިތުންނަކީ އެކުވެރި މާހައުލެއްގައި ދިރިއުޅެމުންގެންދާ ހިތްހެޔޮ ރައްޔިތަކު ދިރިއުޅެމުންގެންދާ ރަށެކެވެ. ހެނދުނު ހެނދުނާ ރަށުގެ މަގުތައް ސާފުކޮށް، ތަރުތީބު ކުރަނީ ރަށުގެ އަންހެންވެރިންނެވެ. އަބަދުވެސް އެންމެގެ މޫނުމަތިން ހިނިތުންވުން ފެންނާނެއެވެ. ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް މިވަގުތު ރަށުގައި ހުރީ އެންމެ ގެސްޓް ހައުސްއެއް ކަމަށްވާއިރު، ގާދިއްފުއްޓަކީ ލޯކަލް ޓޫރިޒަމްގެ ކޮންސެޕްޓަށް މުޅިން އަލަށް ތަޢާރަފުވެފައިވާ ރަށެއް ކަމަށް ބުނެވިދާނެއެވެ. އާމްދަނީ ހޯދުމަށް އަންހެނުންގެ މެދުގައި އާންމު މަސައްކަތަކީ ފަންވިޔުމެވެ. މިއީ މިރަށުގައި ކުރީގެ ޒަމާނުއްސުރެ ކުރަމުން އަންނަ ސަގާފީ މަސައްކަތެކެވެ. މިކަމަށް ބޭނުންކުރާ ފަން ހޯދަނީ ރަށުންނާއި ކައިރީގައި ހުރި ފަޅު ރަށްރަށުންނެވެ. ވިޔެފައިވާ ފަން ވިއްކަނީ ގިނައިން، އިމާރާތް ކުރަމުންދާ ރިސޯޓުތަކަށެވެ. ފިރިހެނުން އާންމުކޮށް ކޮށްއުޅޭ މަސައްކަތަކީ ހުއިފިލަނޑާ ނެގުމާއި، ފަރުމަސްވެރިކަން ކުރުމެވެ. މަސްވެރިކަމަށް ދަނީ ކުދި ޑިންގީތަކުގައެވެ. ރަށުގައި ވަޒީފާގެ ފުރުޞަތުތައް ގިނައެއް ނޫނެވެ. ސަރުކާރު ވަޒީފާއާއި މަދު ޕްރައިވެޓް ވަޒީފާތަކެއް ފިޔަވައެވެ. ރަށުގައި ޞިއްޙީ ޚިދުމަތް ލިބެން ހުންނަ ހެލްތު ޕޯސްޓަކާއި، ފާމަސީއެއް، ޕަވަރ ހައުސްއެއް، ކައުންސިލްގެ ސެކްރެޓޭރިއަޓެއް، މެޖިސްޓްރޭޓް ކޯޓެއް އަދި ގްރޭޑް 10 ހަމައަށް ކިވައިދޭ ސްކޫލަކާއި، އެއް ގެސްޓް ހައުސް، 2 މިސްކިތް، 4 ރެސްޓޯރެންޓް/ކެފޭ، އަދި ދުވަހީ ބޭނުންތަކަށް ބޭނުންވާ ތަކެއްޗާއި ކާނާގެ ބާވަތްތަކާއި ކޮސްމެޓިކްސް ވިއްކާ ކުޑަ 4 ފިހާރަހުރެއެވެ. އިތުރު ޚިދުމަތެއް ނުވަތަ ވިޔަފާރިތައް ކުރުމަށް ރަށުގެ ރައްޔިތުން އާންމުކޮށް ދަނީ އަތޮޅުގެ ވެރިކަން ކުރާ ރަށް ކަމަށްވާ ވޭމަންޑޫއަށެވެ. ވޭމަންޑޫއަށް ދިއުމަށްޓަކައި އަދި އެނބުރި އައުމަށްޓަކައި، އަދި އަތޮޅުގެ އެހެން ރަށްރަށަށް ދިއުމަށްޓަކައި ހަފްތާގެ އެކިދުވަސްތަކުގައި އަތޮޅު ފެރީއެއް ދަތުރު ކުރެއެވެ. މި ފެރީގެ ޓިކެޓްގެ އަގަކީ އެއްކޮޅަށް -/22 ރުފިޔާއެވެ. އަދި ހަމަމިގޮތައް މިހާރު އާރު.ޓީ.އެލް ލޯންޗުފެރީގެ ހިދުމަތްވެސް ލިބެމުންދެއެވެ. އެންމެ ކައިރީގައި ހުރި މީހުން ދިރިއުޅޭ ރަށަކީ ހުޅަނގު ދެކުނުން ތިމަރަފުއްޓެވެ. އަދި އިރު އުތުރުން ގުރައިދޫއެވެ. ތިމަރަފުއްޓާ ދެމެދުގައި އޮންނަނީ އެންމެ ފަޅުރަށެކެވެ. ނަމަވެސް ގުރައިދޫއާ ދެމެދުގައި 14 ފަޅުރަށާއި ހަދަމަނުން އަންނަ ރިސޯޓަކާއި އެކު 2 ރިސޯޓް އޮވެއެވެ. ރަށާއި އެންމެ ކައިރިން އޮންނަ ދެފަޅުރަށް ކަމުގައިވާ ފުޅިޔަފުށި އަދި އުސްފުއްޓަކީ ރަށު ކައުންސިލްގެ އިޙްތިސާސްގައި ހިމެނޭ ދެފަޅުރަށެވެ.
0
ލިޔުންތެރިޔާ
Afrah
މިހާތަނަށް ކޮމެންޓެއް ނެތް